އިސްތިއުފާގެ ފުރަގަހުގައި ރޫޙާނީ ކަންތައްތަކެއް ؟!؟
17 އޭޕްރީލް 2012 - 13:00 - އަލްއަޚް ބިން މުޙައްމަދު

ވަރަށްގިނަ ޒަމާންތަކަކަށްފަހު އަޅުގަނޑުގެ ގަލަން ހިންގައިމިލަނީ ވަރަށްވެސް މުހިންމު މަޢުލޫމާތުތަކެއް ރާއްޖެއިސްލާމް ވިދާޅުވާ އެންމެހާ އަރިސްތަކަށް ގެނެސްދިނުމުގެ އުއްމީދުގައެވެ. އަޅުގަނޑަށް މި މަޢުލޫމާތުތައް ލިބިފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެން ނަމަވެސް މިފަދަ ވެބްސައިޓެއްގައި ގެނެސްދެވޭ ވާހަކައަކީ ޝައްކު ފިލާވަރަށް ޔަޤީންވާ މަޢުލޫމާތުތަކެއް ކަމުގައި ވާންޖެހޭ ހިނދު މިވާހަކަތައް އަޅުގަނޑު އިތުބާރު ކުރާ މުޢުތަބަރު ފަރާތަކުން ލިބެންދެން ތިޔަ އަރިސްތަކާ ހިއްސާކޮށްލުން ލަސްކޮށްލީއެވެ.

ކޮންމެއަކަސް 7 ފެބްރުއަރީ 2012 ވީދުވަހު ރައީސްމުޙައްމަދު ނަޝީދު އިސްތިއުފާ ދިނުމުގެކުރިން ސިފައިންގެއަށް ވަންއިރު އެހެންޏާ ފެނިފައި ނުވާފަދަ، ވަރަށް ޢަޖާއިބުކުރުވަނިވި މަންޒަރުތަކެއް އޭނައަށް ފެނިފައިވާކަމަށް އޭނާގެ އަރިސް މީހުންގެގާތު ވަރަށް ސަރީޙަބަހުން "ސިއްރުން" ދައްކާފައިވާކަމަށް މަޑުމަޑުން އަޑުފެތުރެން ފަށާފައިވާ ވާހަކަތަކުގެ ޚަބަރު އަޅުގަނޑު ތިޔަބޭފުޅުންނާ ޙިއްސާކޮށްލާނަމެވެ.

7 ފެބްރުއަރީ ދުވަހު ސިފައިންގެތެރޭގައި އޭނާ ޙަރަކާތްތެރިވި އިރު ސިފައިންގެ ޔުނީފޯރމްގައި ތިބި އާދަޔާޚިލާފަށް ހަށިގަނޑުން ބިޔަ ބޮޑެތި ބަޔަކު ސިފައިންގެތެރޭގައި އުޅުނު މަންޒަރު އޭނާއަށް ފެނުނުމަކަށްވެއެވެ. އަދި ހުދު ހެދުމުގައި ތިބި، އެހެންޏާ ނުފެންނަފަދަ މޫނުތަކެއް ފުލުހުންނާއި ސިފައިންގެ ތެރޭގައި ޙަރާކަތްތެރިވި މަންޒަރު އޭނައަށް ފެނިފައިވާކަމަށް އަޅުގަނޑަށް ވަރަށް މުޢުތަބަރުކޮށް އަޅުގަނޑާ ހަމައަށް މަޢުލޫމާތު ލިބިފައިވެއެވެ. ތިޔަ އަރިސްތަކަށް ޔަޤީންކަމާއެކު ދަންނަވަން އޮތީ، މިއީ ދީނާށް ލޯބިކުރާ މީހުންނާއި ހެޔޮވިސްނޭ ދިވެހިރައްޔިތުން ބަލައިގަންނަ، ރައްޔިތުންގެ އިޙްތިރާމް ލިބިފައިވާ ފަރާތެއްގެ ދުލުން ސީދާ އަޅުގަނޑަށް ކިޔައިދީފައިވާ ވާހަކަތަކެއް ކަމެވެ.

އަދި އަޅުގަނޑު މިދެންނެވި ޤަދަރުވެރި ފާރާތުން ލިބުނު މަޢުލޫމާތުން "އަޅުގަނޑަށް" ޔަޤީންވެ ޝައްކު ފިލާފައިވާ ވާހަކަތަކެއްގެ އިތުރަށް ލިބިފައިވާ އެހެން މަޢުލޫމާތުތަކެއް ހިއްސާކޮށްލާނަމެވެ. ރައީސްނަޝީދު އަމިއްލައަށް އިސްތިއުފާދިން ދުވަސް ކަމުގައިވާ 7 ފެބްރުއަރީ ދުވަހު ސިފައިންގެތެރޭގައި އޭނާ ޙަރަކާތްތެރިވި އިރު، ނޮވެމްބަރު 3 ގައި ބަދަލު ކުރެވުނު ޙަމަލާތަކުގައި، މުސްލިމް ދިވެހިދަރިންގެ ތެރެއިން މިދުނިޔެއާ އަލްވަދާޢު ކިޔާފައިވާ ބޭބޭފުޅުން ވެސް ނަޝީދަށް ސިފައިންގެތެރެއިން ފެނިފައިވާކަމަށް އަޅުގަނޑަށް ޚަބަރު ލިބިފައި ވެއެވެ. ޝަހީދުންގެ ގޮތުގައި ދިވެހި ތާރީޚުގައި ނަން ލިޔެވިފައިތިބި ބޭބޭ ފުޅުންގެ ތެރެއިން "ޝަހީދު ޙުސައިން އާދަމް" ފަދަ ބޭބޭފުޅުންވެސް އެދުވަހު އޭނައަށް ފެނިފައިވާކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. އަދި ހަމަ އެހެންމެ ސިފައިންގެތެރޭ "މިއީ ކީއްކުރަން މިތަނަށް ވައްދާފައިތިބި ބޭކާރު ބައެއް" ހެއްޔޭ، "ކަލޭމެން ތަބާވާންވީ އަހަރެން ބުނާ ގޮތަށް އެކަނި" ކަމުގައި ބުނެ ބާރު ބާރަށް އަޑުގަދަ ކުރިތަން ސިފައިންގެ ތެރެއިން އެތައްބަޔަކަށް ފެނިފައި ވެއެވެ.

ކޮންމެއަކަސް ނަޝީދުގެ ވާހަކަތައް އެދުވަހު އެހެން ހުރީ ސިފައިންގ ތެރޭ މިހާރުގެ ޕޮލިސް ކޮމިޝަނަރާއި ޑިފެންސް މިނިސްޓަރ އުޅުނީތ ކަމަށް ގިނަބަޔަކު ޤަބޫލު ކުރެއެވެ. ނަމަވެސް "އިސް    ތިއުފާ ދިނީ ފެންނަން ނުޖެހޭ ބަޔަކު އެދުވަހު އެތަނުން ފެނުމުން" ކަމަށް ނަޝީދު ވަނީ ބުނެފައެވެ. އަޅުގަނޑު ތިޔަ އަރިސްތަކާ ކޮށްލަން ބޭނުންވާ ސުވާލަކީ މިހާރުގެ ޑިފެންސް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރ އެތަނުން ފެނުމަކީ ރައީސްކަމުން އިސްތިއުފާ ދޭންޖެހޭނެ ސަބަބެއް ތޯއެވެ؟ އެގޮތަށް އެކަން ޤަބޫލު ނުކުރެވޭ ކަމުގައި ވާނަމަ އަޅުގަނޑަށްވެސް ޤަބޫލު ކުރެވެނީ ރައީސް ނަޝީދު އަށް ދެއްކިފައި އެވާ ވާހަކަތަކަކީ އަޅުގަނޑު މިތަނުގައި ބަޔާންކުރަމުން މިދާ ކަންކަމަށް ބާރުލިބޭ ވާހަކަ ތަކެއްކަމުގައެވެ. މީގެއިތުރުން މީޑިއާއަށް ދިން އިންޓަރވިއުއެއްގައި ނަޝީދު ވަރަށް ފާޅުގައި ބުނެފައިވަނީ "ތިބޭފުޅުންނަށް ނުފެންނަ އެތައް ކަމެއް އެދުވަހު އަޅުގަނޑަށް ފެނުން" ކަމުގައެވެ.

އަޅުގަނޑު ހިއްސާ ކުރި "އާދަޔާ ޚިލާފު"  ވާހަކަ ތަކަކީ ސީދާ ރަސްމީކޮށް ނަޝީދު ދައްކާފައި ނުވާ ވާހަކަތަކެއް ކަމުންނާއި ސިޔާސީ އެއްވެސް ފަރާތަކުން "ރަސްމީ ކޮށް" ދައްކާފައި ނުވާ ވާހަކަތަކަކަށް ވާތީ ފަހަރެއްގައި ތިޔަ އަރިސްތަކަށް މިކަންކަން ޤަބޫލު ކުރަން ދަތި ވެދާނެއެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ސިޔާސީ ފަރާތްތަކުންވެސް މިވާހަކަތައް ރަސްމީކޮށް ނުދައްކަނީ ސީދާ ނަޝީދު އެވާހަކަތައް ދައްކަންދެން ނުވަތަ އެފަދަ ސީދާ އޭނާގެ ފަރާތުން ރަސްމީކޮށް ފެންމަތިވަންދެން ކަމުގައެވެ. އަދި އަޅުގަނޑަށް ލިބިފައިމިވާ ވާހަކަތައް ޔަޤީންކޮށްދިން ފަރާތުންވެސް ބުނެފައިވަނީ އެވާހަކަތައް އަދި ރަސްމީ ނުކުރަނީ އެސަބަބަށްޓަކައި ކަމުގައެވެ. ނަމަވެސް އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ސީދާ ނަޝީދުގެ ދުލުން މިވާހަކަތައް ރަސްމީކޮށް ދެއްކުމީ ދުރުގައިވާ ކަމެކެވެ. އެހެނީ މިކަމުގައި ދީނީ ކަންކަން އުޅޭތީ އެކަން އޭނާއަށާއި އޭނާގެ ބައިވެރިންނަށް ޙަޖަމް ނުވާނެތީއެވެ.

ކޮންމެއަކަސް މުސްލިމް ޤައުމެއްގައި މުސްލިމުންގެ ދީނަށް ފުރައްސާރަ އާއި ބަދުބަސް ރައްދުކުރަމުން، ދީނުގެ ޙުކުމްތަކަށް ގޮންޖަހަމުން، ދީނުގައި މަނާކުރައްވާފައިވާ ކަންކަން ފަތުރާ އެއަށް ހިތްވަރުދެމުން، ޤުރުއާނާއި ސުންނަތަށް އަދި ރަސޫލާ صلى الله عليه وسلم އަށް ސީދާ ގޮތެއްގައި މަލާމާއި ޙަޖޫ ކިޔަމުން "ލާދީނީ ވެރިކަން" ކުރި މިފަދަ ޖައްބާރު ވެރިޔަކަށް ﷲ ތަޢާލާ މިފަދަ މަންޒަރުތަކެއް ދައްކަވައި ހިތަށް ބިރުވެރިކަން ވެއްދުމަކީ ދުރުގައި ވާކަމެއް ނޫންކަމަށް އަޅުގަނޑުމެން އެންމެހާ މުސްލިމުން ޤަބޫލުކުރަން ޖެހެއެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި ބާރުވެރިކަމުގެ ޢަޖައިބު ކުރުވަނިވި މަންޒަރުތައް ލޯމައްޗަށް ދެއްކެވުމަށްފަހު ހިއްޕަވާފައިވަނީ މަދު ބައެއް ނޫންކަން އިސްލާމީ ތާރީޚުގެ ސޮފްޙާތަކުން ވަރަށް ރަނގަޅަށް ސާބިތުވެއެވެ.

ދެންފަހެ ނަޝީދުގެ ހުރި ދޮގު ހެދުމުގެ ވާހަކައަކީ ދިވެހި ރައްޔިތުންނަށް އާ ވާހަކަތަކެއް ނޫނެވެ. ދިވެހި ޤައުމު ބަލަން އޮއްވައި ކަންކަމުގެ ޙަޤީޤަތާ ޚިލާފަށް "ފާޅުކަން ބޮޑު ބުހުތާން ދޮގު" ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހަދާފައިވަނީ ދިވެހި ޤައުމުގެ އާބާދީގެ ކުޑައިން ފެށިގެން ބޮޑަށް އެކަމަށް ހެކިވާނެ ގޮތުގެ މަތިންނެވެ. ދިވެހި ޤައުމާއި ދުނިޔޭގެ މީޑިއާގެ ކުރިމަތީގައި ފާޅުގައި ދޮގުހަދަމުން ދިޔައިރު 7 ފެބްރުއަރީ 2012 ގައި ނަޝީދަށް "ހަދާލާނެ ދޮގެއް" ނޭނގުމީ އަޅުގަނޑުމެން ސުވާލު ނުއުފެދޭވަރު ކަމެއް ތޯއެވެ؟

"ބާޣީ" ސަރުކާރެއް ކަމުގައި ނަޝީދާއި އޭނާގެ އައުވާނުން ވާހަކަ ދައްކަމުންދާއިރު އެދުވަހު އެތަނުގައި ތިބި ފުލުހުންގެ ގާތު ތިމަންނަ ތިޔަކުދިންނަށް ޣައިރު ޤާނޫނީ ޢަމުރެއް ނުކުރާނަމޭ، ނުވަތަ އެފަދަ ޢަމުރަށް ތަބާނުވާށޭ، ނުވަތަ އެފަދަ ޢަމުރުކުރާ މީހުން ހައްޔަރު ކުރާނަމޭ ބުނުން ފަދަ ބީދައަކުން ވާހަކަދައްކައި އޭނާގެ ދޮގުގެ ޚަޒާނާއިން ދޮގެއް ހަދައިލުމަށްފަހު، އެވާހަކައަށް ފުލުހުން އިޖާބަ ނުދީ، ދެން ހަމަނުޖެހުން ތަކެއް ހިނގައި ސަރުކާރު ވެއްޓިގެން ދިޔަނަމަ އަޅުގަނޑުވެސް ޤަބޫލު ކުރާނީ އެދުވަހުގެ ޢަމަލުތަކަކީ ބާޣީންގެ ޢަމަލުތަކެއްކަމަށާއި މިއީ ބާޣީ ސަރުކާރެއް ކަމަށެވެ. ނަމަވެސް މިއާ ޚިލާފަށް ނަޝީދަށް ކުރެވުނު ކަމަކީ އަލިފާނަށް ޕެޓްރޯލް ޖެހުން ފަދަ ކަމެކެވެ. "ތިކުދިންނަށް ތިތިބީ ގޯހެއް ހެދިފައި" ކަމަށް ބުނެ އެންމެހާ ފުލުހުން ކެކި އަރައިގެން ދިޔަ މަންޒަރު އިއްޔެ ވީ ކަމެއްހެން އަޅުގަނޑުމެންނަށް މިހާރުވެސް ފެނެއެވެ.

ކޮންމެއަކަސް ﷲ ތަޢާލާ ނަޝީދުގެ ހިތަށް އެދުވަހު (7 ފެބްރުއަރީ ދުވަހު) ވައްދަވައިފައިވާ ބިރުވެރި ކަމަކީ އޭނައަށް އެދުވަހު ފެނިފައިވާ ކަންކަން ފެނުނު މީހަކަށް ނޫނީ ތަޞައްވަރުވެސް ކޮށްލެވޭނެ ކަންކަމެއް ނޫނެވެ.  ﷲ ތަޢާލާ އެކަލާނގެ ބާރުވެރިކަމާއި ގަދަކީރިތިވަންތަކަން އޭނާގެ ލޯމައްޗަށް ދައްކަވާ، ހިތަށް ބިރުވެރިކަން ވެއްދެވީކަމަށް ޔަޤީންކުރެވެއެވެ.

ކިޔުންތެރީންނޭވެ! އިސްލާމީ ތާރީޚް ބައްލަވާށެވެ. ﷲ ސުބުޙާނަހޫ ޥަތަޢާލާއަށް އުރެދި އެކަލާނގެ ދީނަށް ހަޖޫޖެހުމުގެ ސަބަބުން އިނދަޖައްސަވާފައިވަނީ އަނިޔާވެރި ކިތައް ވެރީންހެއްޔެވެ. ﷲ ގެ ދީނަށް ފުރައްސާރަކޮށް އެކަލާނގެ ޙައްދުތަކަށް ގޮންޖެހުމުން ނިކަމެތިކުރައްވައި ނެތި ފަނާކުރައްވާފައިވަނީ ކިތައް މީހުން، ނުވަތަ ކިތައް އުއްމަތް ހެއްޔެވެ. ތިމާވަރުގެ ވަރުގަދަ ކެރޭ މީހަކު ނެތްކަން ދެއްކުމުގެ ގޮތުން ﷲ ޙަރާމްކުރެއްވި ކަންތައްތައް ފާޅުގައި އެއީ ހުއްދަ ކަމެއްކަމަށް ބުނެ ދީނަށް ޖޯކު ޖަހަމުންދާއިރު ތިމާއަކީ ﷲގެ ދަރުބާރުގައި ކޮޅަށް ހުއްޓި ހުންނަންޖެހޭނޭ މީހެއްކަން ދަންނަނީކީ ނޫނެވެ. އެބައިމީހުންގެ ހުރި ބަދުނަސީބުކަމާއެވެ. ހަމަޔަޤީނުންވެސް އެއީ އަނިޔާވެރީންނެވެ. ހަމަ އަނިޔާވެރީންނެވެ.

އޭ ﷲ ! މި ބިންމަތީގައި އިބަﷲގެ ދީނަށް ފުރައްސާރަކޮށް، ﷲގެ ޙައްދުތަކަށް މަލާމާތްކުރާ މީހުން ފުނޑުފުނޑު ކޮށްދެއްވާނދޭވެ! މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ސުންނަތަށާއި އެނަބިއްޔާގެ ޒާތުފުޅަށް ނިސްބަތްކޮށް ފުރައްސާރަކުރާ މީހުން ބަލިކުރައްވައި އެބައިމީހުން ބިންގަނޑުގެ ދަށަށް ގަންބަވާފާންދޭވެ! ޢިލްމުވެރީންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވައި ދީނުގެ ހައިބަތު ނަގާލަން މަސައްކަތްކުރާ މީހުން ފަޟީޙަތްކުރައްވައި ބޭޒާރު ކޮށްދެއްވާނދޭވެ!

އޭ ﷲ ! އަޅަމެންގެ ދުޢާ އިޖާބަކޮށްދެއްވާނދޭވެ... އަޅަމެންގެ ދުޢާ އިޖާބަކޮށްދެއްވާނދޭވެ... އަޅަމެންގެ ދުޢާ އިޖާބަކޮށްދެއްވާނދޭވެ...އާމީން..ޔާރައްބަލް ޢާލަމީން..