Raajjeislam

ނޭޓޯ ސިފައިން ބޮން އަޅައި އެތައް ބަޔަކު މަރާލައިފި.

އަފްޣާނިސްތާނުގެ ދީނީ މަދަރުސާއަކަށް ނޭޓޯ ސިފައިން ބޮން އަޅައި އެތައް ބަޔަކު މަރާލައިފިއެވެ.

ބަލްޚް ޕްރޮވިންސްގައި ހުންނަ ދީނީ މަދަރުސާއަށް ބޮން އަޅާފައިވަނީ އިއްޔެކަމަށާއި އެ ޙަމަލާގައި މަރުވެފައިވަނީ 2 މީހުންކަމަށް ރަސްމީ ފަރާތްތަކުން ޚަބަރުދޭއިރު އެހިސާބުގަނޑުގެ މީހުން ބުނަނީ ޙަމަލާގައި އެތައް ބަޔަކު މަރުވެފައިވާކަމަށެވެ. އަދި ޙަމަލާގައި ޒަޚަމްވި މީހުންގެތެރެއިން ފަސް މީހުންގެ ހާލު ވަރަށް ދެރަކަމަށްވެއެވެ.

އަފްޣާނިސްތާނުގެ ކަޕީސާ ޕްރޮވިންސްގައި ނޭޓޯ ސިފައިން ދިން ޙަމަލާއެއްގައި ޢާއްމުންގެ ބަޔަކު މަރުވުމާއިގުޅިގެން އިއްޔެވަނީ ވަރަށްގިނަ ބަޔަކު ނެޓޯއިން ދެމުންދާ މިފަދަ ޙަމަލާތަކާއިދެކޮޅަށް މުޒާހަރާއެއް ކޮށްފައެވެ. މުޒާހަރާގައި އެމީހުން ގޮވަމުންދިޔައީ އަފްޣާނިސްތާނުން ނޭޓޯ ސިފައިން ބޭލުމަށެވެ.

އެމެރިކާސިފައިންނާއެކު ހަނގުރާމައިގައި ބައިވެރިވެފައިވާ ނޭޓޯގެ ފައުޖުތަކުން ދޭ މިފަދަ ޙަމަލާތަކަކީ ހަމަ ގަސްތުގައި ޢާއްމުންނަށް ދެމުންދާ ޙަމަލާތަކެކެވެ. ބޭނުމަކީ ހަނގުރާމައިގައި ތިމާމެނެންނަށް ލިބެމުންދާ ނާކާމިޔާބީގައި މަތި އެޅުވުމެވެ.