އިބްނު ޢުމަރު ރަޟިޔައް ﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުއް ﷲ ޞައްލައް ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "ތިޔަބައިމީހުން ގިނަގިން ދަތް އުނގުޅާށެވެ. އެހެނީ އެއީ އަނގަޔަށްހުރި ހެޔޮކަމެކެވެ. (އެބަހީ ޠާހިރުކަމެކެވެ.) އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން އެކަމުގައިވާ ކަމެކެވެ."
· ސިވާކަކީ އިރާކު ގަހުގެ މުލުން ނުވަތަ ގޮފިކޮޅަކުން ތައްޔާރުކުރެވިފައިވާ ދަނޑިކޮޅެކެވެ.
· ޢަރަބި ބަހުގައި "ސިވާކު" ގެ މާނައަކީ ދަތް އުނގުޅުމެވެ. އަދި އެއީ ސިވާކުގަހުގެ ދަނޑިކޮޅެއް ބޭނުން ކުރުމަށްވެސް ބުނެވޭ ބަހެކެވެ.
· އަލްއިމާމުއް ނަވަވީ ރަޙިމަހުއް ﷲ ވިދާޅުވެފިއިވެއެވެ. ގިނަގިނައިން ސިވާކު ބޭނުން ކުރުން ނުވަތަ ދަތް އުނގުޅުމަކީ ދީނުގައި ވަރަށް އެދެވިގެންވާ ކަމެކެވެ. އަދި ސިވާކުން ދަތް އުނގުޅުމަކީވެސް އޭގެ ޒާތުގައި ސުންނަތެކެވެ.
ސިވާކު ބޭނުން ކުރުން އެދެވިގެންވާ ވަގުތުތަކުގެ ތެރޭގައި
· ވުޟޫ ކުރުމުގެ ކުރީގައްޔާއި ނަމާދު ކުރުމުގެ ކުރިން – ރަސޫލުއް ﷲ ޞައްލައް ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "ތިމަންކަލޭގެފާނުގެ އުންމަތުގެ މީސްތަކުންނަށް އުނދަގުލެއްކަމުގައި ނުވާނަމަ، ކޮންމެ ނަމާދަކަށް ސިވާކު ބޭނުންކުރުމަށް (ދަތް އުނގުޅުމަށް) އަމުރު ކުރެވީމުހެވެ."
· ޢާއިލާއާއި އެކުގައި ވަގުތު ހޭދަކުރުމަށްޓަކައި ގެއަށް ވަންނަ ހިނދުގައި – ރަސޫލުއް ﷲ ގެފާނު ގެއަށް ވެދެވަޑައިގެންފިނަމަ އެންމެފުރަތަމަ ކުރައްވާ ކަމަކީ ކޮބައިތޯ ޢާއިޝާ ރަޟިޔައް ﷲ ޢަންހާގެ އަރިހުން ސުވާލު ކުރެވުނު ހިނދު ވިދާޅުވިއެވެ. "ގެއަށް ވެދެވަޑައިގެން އެންމެ ފުރަތަމަ ކުރައްވާ ކަމަކީ ސިވާކު ބޭނުން ކުރެއްވުމެވެ. (އެބަހީ: ދަތް އުނގުޅުއްވައެވެ.)"
· ނިދާ ހޭލައިގެން – ޙުޛައިފާ ބުނުލް ޔަމާންގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުއް ﷲ ޞައްލައް ﷲ ޢަލައިހި ވަސައްލަމަ ނިދިން ހޭފުޅުއްލެއްވުމަށްފަހު، ސިވާކުން ރަނގަޅަށް ދަތްޕުޅު އުނގުޅުއްވައެވެ.
· ކެއުންބުއިމުގެ ސަބަބުން ނުވަތަ އެނޫން ސަބަބަކާއި ހުރެ ނަމަވެސް އަނގައިގެ ވަސް ތަޣައްޔަރުވުމުން - ރަސޫލުއް ﷲ ޞައްލައް ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "ތިޔަބައިމީހުން ގިނަގިން ދަތް އުނގުޅާށެވެ. އެހެނީ އެއީ އަނގަޔަށްހުރި ހެޔޮކަމެކެވެ. (އެބަހީ ޠާހިރުކަމެކެވެ.) އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން އެކަމުގައިވާ ކަމެކެވެ."
· މިސްކިތައް ދިޔުމުގެ ކުރީގައި – މިސްކިތްތަށް ދިޔުމުގެ ކުރީން ނުވަތަ ނަމާދުކުރުމުގައި ޒީނަތްތެރި ވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ އަލް އަޢްރާފު ސޫރަތުގެ 31 ވަނަ އާޔަތުގައި އަންގަވާފައެވެ. އެ ޒީނަތްތެރި ކަމުގެ ތެރޭގައި ސިވާކު ބޭނުންކުރުން ނުވަތަ ދަތް އުނގުޅުންވެސް ހިމެނެއެވެ.
· ޤުރްއާން ކިޔެވުމާއި ޛިކުރު ކުރުމުގެ ކުރީން – އެހެނީ ޛިކުރުގެ މަޖްލިސްތަކަށް މަލާއިކަތުން ޙާޟިރުވެވަޑައިގަންނަވައެވެ. މަލާއިކަތުންނަށް ނުބައި ވަހުގެ ސަބަބުން އުނދަގޫވެލައްވައެވެ.
ސިވާކު ބޭނުންކުރުމުގެ އަދަބު ތަކުގެ ތެރޭގައި
· ޢާއްމު ތަންތާނގައި ސިވާކު ބޭނުން ކުރުމުގައި، މީހުން ފަކުރު ނުގަންނާނޭހެން ބޭނުން ކުރުމާއި
· ބޭއްވުމުގެ ކުރިން ނުވަތަ ރައްކާކުރުމުގެ ކުރީން ސިވާކު ދޮވެލުން ނުވަތަ ތާހިރުކޮށްލުން
· ތާހިރު ތަނެއްގައި ސިވާކު ރައްކާ ކުރުން
ޙަކީމީ ގޮތުންނާއި ޠަބީޢީ ގޮތުން ބަލާއިރު ސިވާކަކީ
· ސިވާކުގެ ޢަރަޤަކީ ޖަރާސީމު މަރައިލާއި އަނގައިގެ ހުތްވަސް ކަނޑުވައިދޭ އެއްޗެއް
· ސިވާކު ދަނޑީގައި ހުންނަ ނަރުވާތަކަކީ ދަތް އުނގުޅާ ބުރުހެއްފަދަ އެއްޗެއް، ވީމާ ސިވާކު ދަނޑިކޮޅަކީ ދަތްއުނގުޅާ ބުރުހަކާއި ބޭހުގެ ބަދަލުގައި ބޭނުން ކުރެވިދާނޭ ރަނގަޅު އެއްޗެއް
· ސިވާކުގައި އެކުލެވޭ މަޢުދަނުގެ ބާވަތްތަކަކީ ޖަރާސީމު މަރައިލަދީ ދަތްފަނިކެއުމުން ރައްކާތެރިކޮށް ދިނުމުގައި އެހީތެރިވެދޭ އެއްޗެއް. މިޒަމާނީ ދަތް އުނގުޅާބޭހުގައި އެކުލެވިގެންވާ ބާރުގަދަ ކެމިކަލްތަކަށްވުރެ، ޠަބީޢީ މާއްދާތަކެއް އެކުލެވިގެންވާ ސިވާކުގެ ފައިދާ މާބޮޑުކަން އެތަކެއް ސައިންޓިފިކް ރިސާޗްތަކަކުން ދައްކައެވެ.
· ސިވާކަކީ ބައިވަރުން ޑޮކްޓަރުންނާއި އަދި ދުނިޔޭގެ ޞިއްޙީ ޖަމްޢިއްޔާއެއް ކަމުގައިވާ ޑަބްލިއުއެޗްއޯގެ އިތުބާރު ދީފައިވާ، ބޭނުން ކުރުމަށް ހިތްވަރުދޭ އެއްޗެއް.